ޖަޕާނުގެ ބިންހެލުމާ ގުޅިގެން ރައީސް މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކާރިސާއާ މެދު ފުން ހިތާމަ ފާޅުކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ ޝުޢޫރުތައް ރައްދުކުރައްވާފައެވެ.
ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ވަރުގަދަ ބިންހެލުމެއްގައި ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަޕާނުގެ ބޮޑުވަޒީރު ތަކައިޗީ ސަނާއޭއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަޚަމްވެ ގެދޮރާއި އިމާރާތްތަކާއި އެ ނޫންވެސް މުހިންމު ވަސީލަތްތަކަށް ވަނީ ފުން ގެއްލުންތަކެއް ކުރިމަތިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކާރިސާއާ މެދު ފުން ހިތާމަ ފާޅުކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ ޝުޢޫރުތައް ރައްދުކުރައްވާފައެވެ.
ބިންހެލުމުގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ޚާއްޞަ ތަޢުޒިޔާ ދަންނަވައި ގެއްލުން ލިބުނު އެންމެހައި ފަރާތްތަކާ އެކުގައި ސާބިތުވެ ހުންނެވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ލިބުނު ގެއްލުންތައް ފޫބައްދައި ޤައުމު އަލުން ބިނާކުރެއްވުމުގެ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާ އެ ޤައުމާ އެކުގައިވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ޖަޕާނުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އެދިވަޑައިގެން ހިތްވަރާއި ސާބިތުކަމާ އެކު ވީ އެންމެ އަވަހަކަށް އާންމު ޙާލަތަށް އެ ޤައުމު އެނބުރި ރުޖޫޢަވުމަށް އެދިވަޑައިގެންފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް